އަދަދު ނޫހުން އާންމުކޮށްފައިވާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުالله ޔާމީން ހިލާފުވެފައިވާތީ އެ ދެ ރައީސުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އަމިއްލަ ފަރާތުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ.
އަމިއްލަ ފަރާތަކުން ވަނީ ކްރިމިނަލް ކޯޓަށް، ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބެލެވޭ މީހުންނާއި ހެކިތަކެއްގެ މައްޗަށް ބިނާކޮށް މައްސަލައެއް ހުށަހަޅާފަ އެވެ. އެގޮތުން ނަޝީދުގެ އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުން އަންނަ ކަމަށާއި ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަން އެ މައްސަލާގައި ފާހަގަކޮޮށްފައިވެ އެވެ.
މީގެ އިތުރުން، މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ރައީސް މުހައްމަދު މުއިއްޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ވަނީ ކޯޓުގެ އަމުރާ ހިލާފުވެފައެވެ.
މެއި 11، ގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި،އަދަދު ނޫހުން އާންމުކޮށްފައިވާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ. އަދި، އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ވެސް އެ އަމުރުން މަނާކުރި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އެ އަމުރު ރައްދުަވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. އެ ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލިފައިވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީ އެވެ.
ކްރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަކަމަކަށ ވީއިރު، މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެ އެވެ.
މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވެސް އަންނަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.