ބޭންކިންގެ ދާއިރާއިން އައިސްފައިވާ ބަދަލަކީ ޓެކްނޮލޮޖީގެ ސަބަބުން އައި އިންގިލާބީ ބަދަލެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ކޮލެބް 26 އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ނޫންކަަމަށެވެ. އެގޮތުން ގައުމީ ކުރިއެރުމަށް އެހީތެރިވުމާއި، އިގުތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމުގެ އިތުރުން އައު އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމައުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުމަކީ އެ ބޭންކުގެ މަސްއޫލިއްޔަތު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިއަދު އޭއައި އަދި ޑޭޓާގެ ސަބަބުން މުއައްސަަސާތައް ހަރުދަނާކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވިޔަފާރީގެ ނަތީޖާ ނެރެވޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހައި ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފުރުސަތުތައް އުފައްދައިދިނުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން މި ތަސައްވުރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ބަދަލުގެ ވިސްނުންފުޅާ އެއްގޮތް ވިސްނުމެއް ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ޝަރީފު އިތުރަށް ވިދާޅުވީ، ޑިޖިޓަލް ގޮތުން ބާރުވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުންދީގެން އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން ބެނުންތެރި ކަމެއް ކަމަށެވެ.