އިމާރާތްކުރުމުގެ ޤާނޫނަށް ވުޒާރާތަކާއި ކުންފުނިތައް އަހުލުވެރިކުރުވަން ޕްރޮގްރާމެއް ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ޢިމާރާތްކުރުމުގެ ޤާނޫނު ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 18 އަދި 19 ވަނަ ދުވަހު ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމެވެ.

މިގޮތުން އެ ސެޝަންތަކުގައި ޢިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފްސީލީ މައުލޫމާތުވެސް އެ ސެޝަންތަކުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.