ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ ކަނޑުމަގުން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލާގަނެފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުކަމަށެވެ.

ސިނގިރޭޓް ސްޓިކްސް އަތުލައިގަނެފައިވަނީ މާލޭ ކޮމާޝަލް ހާބަރުން ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މިއަހަރުގެ މަރޗް މަހު 5 ވަނަ ދުވަހު މާލޭ ކޮމަރޝަލް ހާބަރުން ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 99،000 ސިނގިރޭޓް ސްޓިކްސްވެސް ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައެވެ. އަދި އެހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިޔަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

މީގެއިތުރުން މިމަހުގެ 13 ވަނަ ދުވަހު ފުލުހުން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދާފައެވެ. އެގޮތުން އޮޕަރޭޝަނެއްގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.