ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އަޅަން މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެގެ މެންދުރު 12:57 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.

އޭނާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.