އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދަކަށް މުޅި ދުނިޔެ ހަލުވިކަމާއެކު ދަތުރުކުރަމުންދާއިރު، ރާއްޖެއަކީ "ޕެސިވް އޮބްޒާވަރ" އެއްގެ ގޮތުގައި ތިބެވެން ނެތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ކޮލެބް 26 އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރި ކުރުމަށާއި، އެ ޓެކްނޮލޮޖީތައް ތަންފީޒުކޮށް، ޤައުމީ މަޞްލަޙަތު ވަރުގަދަކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތައްޔާރަށް ތިބެންޖެހޭކަމަށެވެ.
މޯލްޑިވްސް 2.0އިން ޑިޖިޓަލް ޓްރާންސްފޯމޭޝަނަކަށް ޕްލެޓްފޯމް އަދި އެޕްލިކޭޝަންއަކުން ފުރިހަމަ ނުވާނެކަން އިނގޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިކަމަށް ހަރުދަނާ ޤައުމީ ބިންގަލެއް ބޭނުންވާ ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީއެއް ދިނުމާއި، އިތުބާރުކުރެވޭ ޓްރާންސެކްޓް އަދި އޮންލައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެ 2.0 އަކީ ވަރަށް ސާފު އަދި އުންމީދީ މިސްރާބެއް ކަނޑައަޅާފައިވާ މަގެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ޑިޖިޓަލް ކެޕޭސިޓީ އަކީ ހަމައެކަނި ޓެކްނޮލޮޖީގެ އެޖެންޑާއެއް ނޫން ކަމަށާއި އެކަން ސީދާ ގުޅިފައި ވަނީ ރާއްޖޭގެ އިގުތިސާދާ ކަމަށެވެ.
ދާޚިލީ ވަޒީރު ވާހަކަފުޅު ނިންމަވާލެއްވުމަށްފަހު ވަނީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާޙްކޮށްދެއްވާފައެވެ.