ސްރީލަންކާގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ސްރީ ލަންކާގެ ހައިކޮމިޝަނުން ބުނީ މި ކޭމްޕަކީ ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ގާތްކަމާއި އެކުވެރިކަން ހާމަކުރުމުގެ މަޤުސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ މޯލްޑިވްސް ބްލަޑް ސަރވިސަސްއާއި ސްޓެލްކޯއާ ގުޅިގެން ކަމަށް ލަންކާ ހައި ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖހެިފައިވަނީ އަންނަ މަހުގެ 5 ވާ ހުކުރު ދުވަހުގައެވެ.
އެ ކޭމްޕް ކުރިއަށްގެންދާނީ ސްޓެލްކޯ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ.
އަދި ލޭ ހަދިޔާކުރުމުގެ ކަން ކަން ކުރިއަށްދާނީ ޖޫން 5ވަނަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށްކަމަށް ލަންކާ ހައި ކޮމިޝަނުން ބުނެއެވެ.
ލަންކާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ވީހާވެސް ގިނަ ސްރީލަންކާ ރައްޔިތުން އެ ކޭމްޕުގައި ބައިވެރިވުމަށް އެދިފައެވެ.
އެގޮތުން މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ލަންކާ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.