ރ.މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓިސީސީން ބުނީ މި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުން ކަމަށެވެ.

މި މަސައްކަތުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަގުގެ ތެރޭގައި، 14،337 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅު ފުންކުރުމާއި، 29،508 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 2038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 1495 އަކަމީޓަރުގެ ޕޭވްމަންޓް ހެދު މުގެ އިތުރުން 20 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދެހާހެއްހާ މީހުން ދިރިއުޅޭ ރ.މީދޫގެ ބަނދަރަކީ ގިނަ ރިސޯޓްތަކުގެ އެކްސްކަރޝަން ބޭނުމަށް ގެންގުޅޭ ލޯންޗް ފަހަރު އެޅުމަށް ބޭނުންކުރާ ބަނދަރެކެވެ.