ދިވެހި ދައުލަތަށާއި ފުވައްމުލައް ސިޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ފާރޫޤް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް، ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފާރޫޤް އަޙްމަދު ވަކިވެދިޔުމަކީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ލިބުނު ބޮޑު އުނިކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭނާއަކީ އެ ދާއިރާތަކަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު، އަގުހުރި ޝަޚްޞިއްޔަތެއް ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް މުޢިއްޒު ވަނީ މަރްޙޫމް ފާރޫޤް އަޙްމަދުގެ ޢާއިލާއަށާއި ފުވައްމުލަކުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.