ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންނާއެކު ބާއްވާ ބައްދަލުވުން މިއަދު ކެންސަލްކޮށްފިއެވެ.
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުން މިއަދު ބާއްވަން ނިންމާފައި އޮތީ ހެނދުނު 10:00 އިން 11:00 އަށެވެ.
ނަމަވެސް، މީޑިއާތަކަށް ރައީސް އޮފީހުން މިއަދު ފޮނުވި މެސެޖެއްގައި ވަނީ މިއަދު 10:00 އަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށް ބުނެފަ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ މާޗް މަހުން ފެށިގެން އާންމު އުސޫލުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެފަހުން ކޮންމެ ހަފްތާ އެއްގެ ހޯމަ ދުވަހު ނޫސް ވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދަވާއިރު ރައީސް އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައިވެސް ވިދާޅުވެފައިވަނީ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް ދިމާނުވާ ނަމަ ނޫސްވެރިން ގެ ބައްދަލުވުންތައް ކުރިޔަށް ގެންދަވާނެ ކަމުގައިވެ.