އެބޯލާ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ގައުމުތަކުން އެބޯލާގެ ކޭސް ފެނުމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެބޯލާ އަކީ ޕަބްލިކް ހެލްތު އިމާޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސަރންގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެބޯލާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް (ޕަބްލިކް ހެލްތު އިމާޖެންސި އޮފް އިންޓަނޭޝަނަލް ކޮންސާން، PHEIC) ކަމުގައި 17 މެއި ގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޯންގޯ އަދި އުގާންޑާގައި އެބޯލާ އައުޓްބްރޭކުގެ ހާލަތު އިއުލާން ކޮށްފައިވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ބަލީގެ ހާލަތު ވަރަށް ގާތުން ބލަމުންދާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށެވެ.
އެބޯލާ ވައިރަސް ފެތުރެން ފެށި ފަހުން، 246 މީހުން އެބައްޔަށް ފައްސިވެފައިވާއިރު، 80 މީހުން ވަނީ އެ ވައިރަސްޖެހިގެން މަރުވެފައެވެ.
ކޮންގޯގެ އިތުރުން ޔޫގެންޑާ އިންވެސް ދެ މީހަކު އެ ބައްޔަށް ވަނީ ފައްސިވެފައެވެ.
އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބުނިއާ އާއި މޮންގްވާލޫ އަދި ރުވަމްޕާރާ ހިމެނޭ ތިން ހެލްތު ޒޯނުން އެ ވައިރަސް ފެނިފައިވާއިރު ލެބޯޓަރީން ކަށަވަރުވެފައިވާ 8 މީހަކު އެ ވައިރަހަށް ފައްސިވެފައިވާ ކަމަށްވެސް ސިއްހަތު ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް-ރޮޖާ ކަމްބާވެސް ވަނީ މި ބައްޔަށް ސަމާލުވުމަށާއި މި ބަލި ފެތުރޭ މިންވަރު ހަލުވިކަމުގެ އިންޒާރު ދެއްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އެ ބަލި އަދި "އާލަމީ ވަބާ" އެއްގެ އިމަޖެންސީ މިންގަނޑަށް ފެތޭވަރު ނުވާކަމަށެވެ.
އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ބަލި ޖެހުނު މީހުންގެ އަސްލު އަދަދާއި ޖިއޮގްރަފިކަލް ގޮތުން ފެތުރިފައިވާ މިންވަރާ މެދު މިހާރު ވަރަށް ބޮޑަށް ޝައްކު އުފެދިފައިވާ ކަމަށެވެ.
އަދި މިހާރު ފެތުރެމުންދާ އެ ބޯލާގެ ސްޓްރެއިން އަކީ ބަންޑިބުގްޔޯ ވައިރަސްގެ ސަބަބުން ފެތުރޭ އެ ބަލީގެ ވައްތަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ވައިރަހަށް ބޭހެއް ނުވަތަ ވެކްސިނެއް ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބަލި ފެނިފައިވާ ސަރަހައްދުތަކަށް ދަތުރު ނުކުރުން މުހިއްމު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.