އެއްވުމެއްގެ ތެރެއިން، 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު ދޫކޮށްލާފައިވާކަމަށާއި، ދެންތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް، އެކަކު 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކޯޓުން ބަންދުކުރަން އަމުރު ކުރި މީހުންގެ ތެރެއިން 3 ދުވަހަށް ބަންދު ކުރަން އަމުރު ކުރި މީހާ މިހާރު ދޫކޮށްލާފައިވާކަމަސްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މޭ 13 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ވަނީ ނޫސްވެރިންގެ ހައްގުގައި އެއްވުމެއް ބާއްވާފައެވެ. އެއްވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.