ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، މިއަދު ދަސްވެނިވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ދަސްވެނީންނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ދިވެހިރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ، 343 ދަރިވަރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މި ދަސްވެނީންގެ ތެރޭގައި، 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭކަމާއި، ދަސްވެނީންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނޭކަން، އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ގައުމުގެ މުސްތަގްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް، ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަގްސަދުގައި ސަރުކާރުން ފެއްޓި ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފެށީ މިއަހަރުގެ ޖަނަވަރީ މަހުއެވެ.
ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން ކުރިއަށް ގެންގޮސްފައި ވަނީ ޅ. މާފިލާފުށީގައި ކަމަށް ވީއިރު، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަޝިޕާއި، ފަސްޓްއެއިޑާއި، ފަޔަފައިޓިން އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، މައިދާނީ ހަރަކާތްތަކުގެ އިތުރުން ޝައުގުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ހަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހްލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެއްޓި ވަރަށް ހާއްސަ ވަތަނީ މަޝްރޫއެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ ޑިސެމްބަރު 2025 ގައެވެ.