ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ، މިއަދުއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމު ރާއްޖެ ފޮނުވާފައިވަނީ، އިޓަލީ ސަރުކާރުން ކަމަށެވެ.

އޭނާ ވިދާޅުވީ ފިންލޭންޑުގެ ޑައިވަރުންގެ ޓީމު މިހާރު ދިވެހި ކޯސްޓްގާޑާއި ބައްދަލުކޮށްފައިވާ ކަމަށާއި އޮޕަރޭޝަން އަލުން ފަށާނީ ކޮން އިރަކުތޯއާއި އަދި މިކަމުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެ ޑައިވަރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ، އެކަމަށް ބޭނުންވާނެ އާލާތްތަކާއިވެސް އެކުގައި ކަމަށް މައުލުމާތުދެއެވެ.

މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންއަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުން ކަމަށް ވީއިރު، އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ހާދިސާއާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ، ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ހިފަހައްޓާފައެވެ.