އެސްޓީއޯ އިން މިހާރު އަމާޒު ހިފާފައި ވަނީ އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔަ ހޯދަން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިމާދު މިހެން ވިދާޅުވީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވުރު ހިއްސާކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރު އެ އަމާޒަށް ވާސިލްވުމަށް އެސްޓީއޯ އިން އާ ވިޔަފާރިތައް ފަސް ޕަސެންޓަށް އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ މާޖިން އިތުރު ކޮށްގެން ފައިދާ ހޯދުމުގެ ބަދަލުގައި ވޮލިއުމް އިތުރުކޮށް، ފައިދާ ހޯދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ ކުރިއަރަމުން އަންނަ ރޭޓުގައި ކުރިއަށް ދާނަމަ، އެ އަމާޒަށް އޭގެ ކުރިން ވެސް ވާސިލް ވެވިދާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިމާދު ވިދާޅުވީ އެސްޓީއޯ އިން 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެސެންޝިއަލް އައިޓަމްތަކުގެ އެވައިލަބިލިޓީ 98 ޕަސެންޓަށް އިތުރު ކުރުމަކީ ވެސް އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.

އަދި ހިއްސާދާރުންނަށް ފައިދާ ވާނެ ގޮތަށް "ރިޓާން އޮން އިކުއިޓީ" 15 ޕަސެންޓަށް ވުރެ ދަށް ނުވާނެ މިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އަހަރު އެސްޓީއޯގެ ހިއްސާއަކަށް ބަހަން ނިންމި 85ރ. އަކީ ފަހުގެ ތާރީހެއްގައި ބެހި އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ.