ވަތަނީ ހިދުމަތް ނުވަތަ ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއި އަދި ވަތަނީ ހިދުމަތާއި ބެހޭ ވަޒީރު ހަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރި ދަރިވަރުންނަށް، ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑާޝިޕާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓްވެސް ވަނީ ދީފައެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައިވާ އިރު ދެވަނަ ބުރަށް ނުހޮވޭ ދަރިވަރުންނަށް އެ ކުދިން ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅުކުރާ ތަންތަނުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ވަތަނީ ހިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަގްބަލު ބިނާކުރުމަށްޓަކައި، ގައުމީ ރޫހާއި އިސްލާމީ އަހްލާގު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުއެވެ.
ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ގައުމަށް ހިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވި ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކޮށްފައިވާ ތަމްރީނެކެވެ.
މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑަޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދީފައިވެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަހްލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ދަސްކޮށްދީފައިވާއިރު، އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްތަދަށް ކުރިއަށްގެންދިޔަ ދެވަނަ ބެޗުގެ ތަމްރީނު ފަށާފައިވަނީ ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާއެކުއެވެ. އަދި މީގެ ތެރެއިން 344 ބައިވެރިޔަކު ވަނީ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ.