ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުޒާހަރާގެ ތެރެއިން އެމްޑީޕީއާއި ޕީއެންއެފުން ފުލުހުންގެ ދައުރަށް ހުރަސްއަޅަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއަކާއެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތާ ސަލާމަތާ ރައްކާތެރިކަން ދެނީ ދައުލަތުގެ އެންމެމަތީ ވެރިޔާކަން އަދާކޮއްފަވާތީ ސަރަފްވެރިކަމާއެކު ދިރިއުޅެވޭނެގޮތް ތަނަވަސް ކޮއްދިނުމައްކަމައް ކަމައް ގާނޫނުން ފެންނަން އޮތް ކަމަށެވެ.

ނަމަވެސް ފެންނަމުން ދަނީ އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފައް ތަކުރާރުކޮން އެކިއެކި ސިފަ ސިފާގަ ރައްޔިތުންގެ ތެރެއިން މަދުބަޔަކު މާލޭގެ މަގުތަކައްނެރެ، ބައިބައިކޮއް ފިތުނަވެރި ކުރުވަން މަސައްކަތްކުރާތަން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއީ، ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައު އެއްގެ އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗައް އޮތް ޒިންމާއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވެފައިމި ވަނީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ބައްދަލުވުމަކަށް ފަހު، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި މާލޭގެ މަގުތަކަށް ނުކުންނަވައި ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގައި އެ ބޭފުޅުންނަށް ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކޮށް އެބޭފުޅުންގެ ވާޖިބު އަދާކުރުމަށް އެކި ގޮތްތައް ހުރަސްއަޅާފައިވާއިރު، ގައުމުގައި ވެރިކަން ކުރެއްވި ތިން ރައީސުން މުޒާހަރާގެ އިސް ސަފުގައި ހުންނަވައި މިފަދަ ގޮތަކަށް ފުލުހުންނާ ދިމާކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.