މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒް އިންތިހާބުކޮށްފިއެވެ.

މިއަދު ފެށުނު އައު ދައުރުގެ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް މީކާއިލް ގެ އިތުރުން ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފައިވެއެވެ.

އެއީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ އާއި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ އެވެ.

އެތަނުން މަގާމަށް އިންތިހާބު ކުރާނެ ފަރާތެއް ކަނޑައެޅީ އެމްޑީޕީގެ އެތެރޭގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކަށްފަހުގައެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކައުންސިލަރުން ޑެޕިއުޓީ މޭޔަރުކަމަށް ހޮވަން ނިންމީ މީކާއީލް އެވެ.

އެގޮތުން މީކާއީލް އަށް 7 ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް 5 ވޯޓު، އަދި ރިލްވާން އާއި ޙަނާ، މި ދެބޭފުޅުނަށްވެސް ލިބުނީ ދެ ވޯޓެވެ.

މާލެ ސިޓީގެ މޭޔަރަކީ ނިމިދިޔަ ހަތަރުވަނަ ދައުރުގެވެސް މޭޔަރު އާދަމް އާޒިމެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ވަނީ ހުވާކުރައްވާފައެވެ.