ބައިބައިވުމުގެ ބަދަލުގައި ޑިޕްލޮމަސީ އިހްތިޔާރުކުރުމަށް ޒުވާނުންނަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިފަދައިން ގޮވާލެއްވީ ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އޭ.ޑަބްލިޔު.އެމް.ޔޫ.އެން) ގެ 14 ވަނަ ބައްދަލުވުމުގައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކުރެއްވި ތަގުރީރެއްގައެވެ.
މި ތަގްރީރުގައި ޝާހިދު ވަނީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރަކީ ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތު" އިއްތިފާގުވީ ކޮވިޑް-19 ގެ ނާމާން ދުވަސްވަރާ ކަމަށާއި، އޭގެ ފަހުން އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، ހިނގި ކަންކަން ފާހަގަކުރެއްވިއެވެ.
ޝާހިދް ވިދާޅުވީ، މިހާރުވެސް ދުނިޔެ އޮތީ ނުރައްކާތެރި ހަތަރުއަނގޮޅިއެއްގެ މަތީގައި ކަމަށާއި، ހަނގުރާމަތަކާއި، ލޭއޮހޮރުވުންތަކާއި، އިގްތިސާދީ ދަތިތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.
ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ގޮންޖެހުންތަކަކީ ދިވެހިރާއްޖެއަށް ދުރުގައި އޮތް ހިޔާލެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ ހަގީގަތެއް ކަމަށެވެ.
އެހެންނަމަވެސް، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށްވާތަން ބަލައިގެން ތިބޭނެ ގައުމެއް ނޫންކަން ފާހަގަކުރައްވައި، ޝާހިދް ވިދާޅުވީ، ރާއްޖެއަކީ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، ދެމެހެއްޓެނިވިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި އިގްތިސާދުގެ ތަނބެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ މުޖުތަމައާ ރާއްޖެ ގުޅުވައިދޭ އަދި ދުނިޔެ ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ފާލަމެއް ކަމުގައި ވެސް ޝާހިދް ވިދާޅުވިއެވެ.
ޝަހިދް ވިދާޅުވީ، މޮޑެލް ޔުނައިޓެޑް ނޭޝަންސް ފަދަ ތައުލީމީ ހަރަކާތްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން، މިއީ ހަމައެކަނި ދަރިވަރުންގެ މެދުގައި ރަޙުމަތްތެރިކަން އުފައްދާ ބައްދަލުވުންތަކެއް ނޫން ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުމަށާއި، ގައުމުތަކުގެ މެދުގައި އޮންނަ ސަގާފީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަން ފުރުޞަތުތަކެއް ކަމަށް ވެސް ޝާހިދް ވިދާޅުވިއެވެ.
އެހެންކަމުން، މި ބައްދަލުވުމުގައި އިސްނަގައިގެން ބައިވެރިވި ހުރިހާ ޒުވާނުންނަށް ޝާހިދް ވަނީ މަރުޙަބާ އާއި ތަހުނިޔާ ރައްދުކުކުރައްވާފައެވެ.
މީގެ އިތުރުން ތަގުރީރުގައި ޝާހިދް ވިދާޅުވީ، ޒުވާނުންނަކީ ހަމައެކަނި މުސްތަގުބަލެއް ނޫން ކަމަށާއި، އެއީ މިއަދުގެވެސް ބާރު ކަމަށެވެ.
އެގޮތުން މިއަދުގެ ދުނިޔެއަށް ބޭނުންވަނީ އެކަކު އަނެކަކަށް އަޅާލާ، ޖަވާބުދާރީވާނެ، އަދި ގުޅިގެން މަސައްކަތްކުރާނެ އައު ލީޑަޝިޕެއް ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ޑިޕްލޮމަސީ އިހްތިޔާރުކުރުމަށް ޒުވާނުންނަށް ޝާހިދު ގޮވާލެއްވިއެވެ.
އެހެން ކަމުން މުސްތަގުބަލުގެ ރާޅުތައް ދުނިޔެއާ ބައްދަލުކުރަމުންދާއިރު، ދުނިޔެ ސުލްހަވެރިކަމާއި އުންމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.