ގައުމީ ދިފާއީ ބާރުގެ ޑައިވަރު، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް، މއ. ޖަމްބުގަސްދޮށުގެ، މުހައްމަދު މަހުދީ (43އ) ނިޔާވި ހަބަރާއި ގުޅިގެން އިޓަލީވިލާތުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިޓަލީވިލާތުގެ ހާރިޖީ ވަޒީރުގެ މެސެޖުގައި، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ގެއްލިފައިވާ އިޓަލީ ގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހިތްވަރުގަދަ ފައުޖުގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހަބަރަކީ، އިޓަލީވިލާތަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިންކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ގައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތައުޒިޔާ ވަނީ ވިދާޅުވެފައެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ފުރިހަމައަށް ދެ ގައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އަދި އެ އާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ގެއްލުނު ފަތުރުވެރިން ހޯދުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވަނީ އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ.

އެ މެސެޖުގައި އޭނާ ވަނީ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނަށް އިޓަލީވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވެފައެވެ.

މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ.

މަހުދީގެ ޖަނާޒާ ރޭ 10 ޖެހިއިރު އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. ރަސްމީ އިއްޒަތުގައި ބޭއްވި ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.