ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްޞަ އެހީގެ ފުރުޞަތުތަކަކަށް ކުރިމަތިލުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

ޒަކާތު ހައުސް އިން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި ސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ.

ރާއްޖޭން ބޭރުގެ ފުރުޞަތުތައް ހުޅުވާލައިފައި ވަނީ އަލް އަޒްހަރް ޔުނިވަރސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އިންސިފް، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ ޔުނިވަރސިޓީތަކުންނެވެ.

މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ސްކީމުތަކެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ.

މީގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ޚާއްޞަ ސްކޮލަރޝިޕް ހިމެނެއެވެ.

މި ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުޠުތައް ހަމަވާންޖެހޭނެއެވެ.

މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެއެވެ.

ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެ ކަމަށް ޒަކާތު ހައުސްގެ އިއުލާނުގައި ބުނެފައި ވެއެވެ. . ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމަޢު ތަރައްޤީކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭނެ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެފައި ވެއެވެ.

އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސަރޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެއެވެ. އެގޮތުން އެ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ޒަކާތު ހައުސް އިން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026ގެ 14:00 ކަމަށެވެ.

އެޕްލިކޭޝަންތައް ފޮނުވާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.