މާލެ ސިޓީ ކައުންސިލުންގެ އަމަޒާކަށް ވާން ޖެހޭނީ ހިދުމަތުގެ ފެންވަރު މަތި ކުރުމާއި، ބެލެހެއްޓޫމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ސިޓީ އަކަށް މާލެ ސިޓީހެދުން ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، މިއަދު ކުރިޔަށް ދިޔަ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، މިއަދަކީ މުޅިގައުމަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، އެގޮތުން ހުރިހާ ކައުންސިލަރުންނާ މުހާތަބް ކޮށްލުމަށް ލިބުނު ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ.

ކައުންސިލަރުން ކުރިމަތިލެއްވި އިންތިހާބު ކާމިޔާބު ކުރައްވާ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުވެ ވަޑައިގަތުމަކީ ރައްޔިތުން އެ ބޭފުޅުންނަށް ކުރާ އިތުބާރުގެ ރަމްޒެއް ކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ އިތުބާރާ އެކު ފޮނި އުންމީދުތަކެއް ހުރި ކަމަށާއި، އެގޮތުން ސިޓީ ފެންވަރުގެ ލީޑާޝިޕަކީ އުސޫލުތަކަށް ބޯލަނބައި އަހުލާގީ މިންގަނޑުތައް ހިފަހައްޓާ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އަދި ނަތީޖާ ނެރެދޭނެ ބަޔަކަށް ވުން ކަމަށެވެ.

" މާލެ އަކީ ތަފާތު ސިޓީއެއް، ރާއްޖޭގެ ވެރިރަށް އެންމެ އާބާދީ ބޮޑު ސަރަހައްދު. އަދި ރާއްޖޭގެ އިދާރީ މަރުކަޒު. މި ކައުންސިލުތަކުން ނިންމާ ނިންމުމުގެ އަސަރު މާލޭގެ އިންތަކަށް ވުރެން މާދުރަށް ފޯރާނެ. އެ ނިންމުން ތަކަކީ ރާއްޖޭގައި ދެފުއްފެންނަ ހަރުދަނާ އަދި ޑިމަކްރެޓިކް ނިޒާމެއް ހިންގުމުގެ ނަމޫނާ އަކަށް ވާން ޖެހޭނެ"

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، ކައުންސިލްގެ މުއައްސަސާ ހިންގުމުގެ އޮނިގަނޑު އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށާއި، އެގޮތުން ކައުންސިލްތަކުގެ ދައުރަކީ ސިޔާސަތުތައް ކަނޑައެޅުމާއި، ހަރުދަނާ ލީޑިޝިޕެއް ފޯރުކޮށް ދިނުމާއި ކަންކަން ބަލާ މޮނީޓާ ކުރުން ކަމަށެވެ.

އެހެން ކަމުން ސެކެޓްރީ ޖެނެރަލް އިސްވެ ހުންނަވާ އިދާރި މުއަޒަފުންގެ މަސްއޫލިއްޔަތަކީ އެ ނިންމުންތައް ޕޮރޮފެޝަނަލް ކޮށް ގާނޫނީ އިމުގެ ތެރެއިން ހަލުވިކަމާއެކު ތަންފީޒު ކުރުން އަވަސް ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އެ ތަފާތުތަކަށް އިހުތިރާމު ކުރުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން އެއީ ހެޔޮ ވެރިކަމާއި ޒިންމާދާރު ވުމާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ކައުންސިލްތަށް މިއަދު ފެށިގެންދާއިރު ބައްޓަން ކުރާނެ މުހިންމު ދާއިރާތަށް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

"ފުރަތަމަ ކަމަކަށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަގުފަހި ކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ހިންގުމާއި، މާލޭގެ ބިމުގެ ދަތިކަމާއި އާބާދީ ތޮއްޖެހުމަށް ބަލައި، އުސޫލުތައް ހަދަން ޖެހޭނީ ހަރުދަނާ އުސޫލެއްގެ ތެރެއިން. ހެކިތަކުގެ މައްޗަށް ބިނާ ކޮށް މުސްތަގުބަލަށް އަމާޒު ކޮށް، މުސްތަގުބަލަށް ބިންބޭނުން ކުރުމުގެ ނިންމުންތަކާއި، ތަރައްގީގެ ހުއްދަތަކާއެކު. "

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، ކައުންސިލުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަކީ ތަރައްގީއާއި ރައްކާތެރިކަމާއި ދިރުއުޅުމުގެ ފެންވަރު ހަމަހަމަ ކޮށް ހިފަހައްޓާނެ ކަމަކަށް ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ކޮންމެ ނިންމުމަކީ މިއަދުގެ ބޭނުންތަކަށާއި މާދަމާގެ ރައްކާތެރިކަމަށްޓަކައި ނިންމާ ނިންމުމަކަށް ވާންޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ބެލެހެއްޓޫމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ސިޓީ އަކަށް މާލެ ސިޓީ ހެދުން"

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން ކައުންސިލަރުންނަކީ މާލީ ނަޒާހަތް ތެރިކަމާއި ޒިންމާދާރު ކައުންސިލަކަށް ވުން ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ އަކީ ރައްޔިތުންނަށް ޖަވާބް ދާރީ ވާން ޖެހޭނެ އެއްޗެއް ކަމަށާއި، ބަޖެޓަކީ ހަގީގަތާއި އެއްގޮތަށް ހިސާބު ކިތާބު ނަންބަރުތައް ދިމަވާ އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ.