ސަރުކާރުގެ ދަރަނި ދައްކަން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެ ކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފް މިހެން ވިދާޅުވެފައި މި ވަނީ ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާތީ ސަރުކާރުން އެ ފައިސާ ދައްކާފައި ވަނީ ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއިން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، އެއީ ހަޤީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ.

އަދި ބޭންކްގައި ހުރި ކަސްޓަމަރުންގެ ޑިފޮސިޓް ރައްކާތެރިކުރުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޭންކްގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް %70 ގާތްކުރާ އަދަދަކަށް ހުރީ ލޯނު ދޫކޮށްފައި ކަމަށާއި، ސަރުކާރަށް ލޯނު ދޫކުރުމަށް ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައި ނުވާނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޑޮލަރު ލޯނު އެންމެ ބޮޑަށް ދޫކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށެވެ. މިގޮތުން ޓޫރިޒަމް ސެކްޓަރއަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އަލަށް 35 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިޔަން ޑޮލަރުގެ ސުކޫކު ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.