ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) އާއި ޔުގަންޑާގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

އެބޯލާ ވައިރަސް ފެތުރެން ފެށި ފަހުން، 246 މީހުން ފައްސިވެފައިވާއިރު، 80 މީހުން ވަނީ އެ ވައިރަސްޖެހިގެން މަރުވެފައެވެ.

ކޮންގޯގެ އިތުރުން ޔޫގެންޑާ އިންވެސް ދެ މީހަކު އެ ބައްޔަށް ވަނީ ފައްސިވެފައެވެ.

އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބުނިއާ އާއި މޮންގްވާލޫ އަދި ރުވަމްޕާރާ ހިމެނޭ ތިން ހެލްތު ޒޯނުން އެ ވައިރަސް ފެނިފައިވާއިރު ލެބޯޓަރީން ކަށަވަރުވެފައިވާ 8 މީހަކު އެ ވައިރަހަށް ފައްސިވެފައިވާ ކަމަށްވެސް ސިއްހަތު ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް-ރޮޖާ ކަމްބާވެސް ވަނީ މި ބައްޔަށް ސަމާލުވުމަށާއި މި ބަލި ފެތުރޭ މިންވަރު ހަލުވިކަމުގެ އިންޒާރު ދެއްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އެ ބަލި އަދި "އާލަމީ ވަބާ" އެއްގެ އިމަޖެންސީ މިންގަނޑަށް ފެތޭވަރު ނުވާކަމަށެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ބަލި ޖެހުނު މީހުންގެ އަސްލު އަދަދާއި ޖިއޮގްރަފިކަލް ގޮތުން ފެތުރިފައިވާ މިންވަރާ މެދު މިހާރު ވަރަށް ބޮޑަށް ޝައްކު އުފެދިފައިވާ ކަމަށެވެ.

އަދި މިހާރު ފެތުރެމުންދާ އެ ބޯލާގެ ސްޓްރެއިން އަކީ ބަންޑިބުގްޔޯ ވައިރަސްގެ ސަބަބުން ފެތުރޭ އެ ބަލީގެ ވައްތަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ވައިރަހަށް ބޭހެއް ނުވަތަ ވެކްސިނެއް ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަލުވި ކަމާއެކު އެބޯލާ ވައިރަސް ފެތުރެމުން އަންނާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮންގޯ އާއި ޔޫގެންޑާ އިން އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ގާއިމް ކުރުމަށް ލަފާ ދީފައެވެ.