ފެނަކަ ކޯޕަރޭޝަނުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީ މާލީ ރިޕޯޓު ހުށަހަޅައި ދެއްވަމުންނެވެ.

އެގޮތުން ޝިމާދު ވިދާޅުވީ، ފެނަކަ އިން އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ކޮންމެ އަހަރެއްގައި ވެސް ހިއްސާދާރުންގެ ކަންބޮޑުވުންތައް އޮތް މައްސަލައެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައީސް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު އެ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއަށް ފެނަކަ އިން ދައްކަންޖެހޭ ދަރަންޏަކީ މައިގަނޑު ގޮތެއްގައި ތެލަށް ނުދައްކާ ހުރި ފައިސާ ކަމަށް ޝިމާދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރެކޯޑުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ފެނަކަ އިން އައީ އެސްޓީއޯ އަށް ތެލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށާއި ފެނަކަ އިން އެސްޓީއޯ އަށް ޖުމްލަ 1.9 ބިލިއަން ރުފިޔާގެ ދަރަނި ނުދައްކާ އޮތް ކަމަށް މީގެ ކުރިން ޝިމާދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝިމާދު ވިދާޅުވީ، އެސްޓީއޯގެ ހިއްސާދާރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަދި ހިޔާލުތައް އެ ކުންފުނިން އަބަދުވެސް އަޑުއަހާ ކަމަށެވެ.

ހަމައެހެންމެ އެ ކަންތައްތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ޝިމާދު ވަނީ ހިއްސާދާރުންނަށް ދެއްވާފައެވެ.