މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ހުވާކުރައްވައިފި އެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލްތަކާއި ގުޅިގެން ވަނީ ހަމަޖައްސާފައެވެ.

އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހަކީ މިއަދު ކަމަށް ވާތީ އެވެ.

ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިހާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ.

މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން އޮތެވެ. މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލްގަ އެވެ.

މާލޭގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން ވެސް އިގްރާރުގައި ސޮއިކޮށްފަ އެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގަ ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، 677 ކައުންސިލަރުން ހުވާކުރުމާ ހަމައަށް އިންތިޚާބުކޮށްފައިވާ ކަމަށް، އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭއިން ބުނީ، މިއަދު 676 ކައުންސިލަރުން ހުވާކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެ ކަމަށް، ވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.