ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯ އިން މިގޮތަށް ފާސްކޮށްފައި ވަނީ ރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެސްޓީއޯ އިން ބުނީ އެ ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ އަމަލީގޮތުން ހާޒިރުވި 176 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 ހިއްސާދާރުން ކަމަށެވެ.

ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ނިންމީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

މިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ.

މީގެ ކުރީ އަހަރުތަކުގައި ހިއްސާއަކަށް ބަހާފައި އަދަދު:

2023: ހިއްސާއަކަށް 80 ރުފިޔާ

2022: ހިއްސާއަކަށް 77 ރުފިޔާ

2021: ހިއްސާއަކަށް 65 ރުފިޔާ

2020: ހިއްސާއަކަށް 60 ރުފިޔާ

2019: ހިއްސާއަކަށް 58 ރުފިޔާ

2018: ހިއްސާއަކަށް 58 ރުފިޔާ

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ރޭ ބޭއްޖަލްސާގައި 2024 ވަނަ އަހަރުގެ ޔައުމިއްޔާ އާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓު ވެސް ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި، މުސާރައިގެ ގޮތުގައި 1,009,800 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙުސަން ސަލީމް ވަނީ އައްޔަނުކޮށްފައެވެ.