މި އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފިއެވެ.
ޙައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 8:04 ގައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ފްލައިޓުގައި 260 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައި ކަމަށެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ވަނީ ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފައެވެ.
މިނިސްޓްރީން ބުނޫ މިއަދު މައްކާއަށް ދާ ދެވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުން ކަމަށެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.