ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ކުރިޔަށްދާ ރެސްކިޔު އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް ނިޔާވި މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީޖެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި ވަޅުލައިފިއެވެ.

މަހުދީގެ މޫނު ދެއްކުމާއި ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ. މަހުދީއަށް އެންމެފަހުގެ އިޚުތިރާމް އަދާކުރުމަށް ގިނަ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ކެބިނެޓްގެ ވަޒީރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންވެސް އިސްލާމީ މަރުކަޒަށް ވަޑައިގެންނެވިއެވެ.
އިސްލާމީ މަރުކަޒުގައި ކަށުނަމާދުކުރުމަށްފަހު މަހުދީގެ ހަށިގަނޑު ގެންދިޔައީ މައްޗަންގޮޅި އާސަހަރާއަށެވެ. މަހުދީގެ ސަންދޯއް ސަހަރާއަށް ގެންދިޔުމަށްފަހު ވަނީ 7 ބަޑީގެ ސަލާމެއް އަރުވާފައެވެ. އޭގެފަހުން މަރުހޫމް މަހުދީގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މަހުދީގެ އާއިލާއާ ހަވާލުކުރައްވާފައެވެ.
މަހުދީގެ ޖަނާޒާގައި އެތައް ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަލާ ރިސޯޓް ކައިރީ ސަރަހައްދަށް ޑައިވިން އަށް ދިޔަ އިޓަލީގެ ފަތުރުވެރިން ތަކެއް ހޯދުމަށް ކުރިޔަށްގެންދާ މި ހައި ރިސްކު އޮޕަރޭޝަންގައި މަހުދީ ނިޔާވެފައިވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ.
މިހާދިސާ އާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވަނީ މިއަދު ކުރިޔަށްދިޔަ ރެސްކިޔު އޮޕަރޭޝަންގައި އަށް ޑައިވަރުން މޫދަށް ފޭބިކަމަށެވެ. ޑައިވަރުން އޮޕަރޭޝަނަށްފަހު މައްޗަށް އެރިއިރު މަހުދ ނެތްކަން ފާހަގަވެގެން ޑައިވަރުން ވަގުތުން މޫދަށް ފައިބާ މަހުދީ ހޯދުމުގެ މަސައްކަތް ފެށިކަމަށް މުންދު ވިދާޅުވެފައިވެއެވެ. އަދި މަހުދީ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައިކަމަށް މުންދު ވިދާޅުވެފައިވެއެވެ.
ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށް ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިރު، ސިފައިންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރައްވާތާ 20 އަހަރާއި 4 މަހާއި 27 ދުވަސް ވަނީ ވެފައެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ އަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތްކުރައްވަމުން ގެންދެވި އެ ފަންނުގައި އެތައް ތަމްރީނެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ހުނަރުވެރި، ޤާބިލު، ތަޖުރިބާކާރު ޑައިވަރެކެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފުރިހަމަކުރައްވާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި، އޯޕަން ވޯޓަރ ޑައިވިންގ ކޯހާއި، ޝިޕް ޑައިވަރ ކޯހާއި، ޑައިވް މާސްޓަރ ކޯހާއި، ރެސްކިޔު އެންޑް ސެލްވޭޖް ކޮމާންޑް ކޯހާއި، ވެސެލް ބޯޑް ސަރޗް އެންޑް ސީޒަރ ކޯސް ފޮރ ބޯޑިންގ ޓީމްސް އެންޑް އެމްއައިއޯ ޓްރެއިނިންގ ފަދަ ތަމްރީނު ކޯސްތައް ހިމެނެއެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަކީ އޯޕަން ވޯޓަރ ޑައިވިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެލެއްވި، އަދި އެ ރޮނގުން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި މަސައްކަތްކުރެއްވި ބޭކަލެކެވެ. އޭނާ ވަނީ އެމްއެންޑީއެފް އެންސީއޯ އެކެޑަމީގައި ހިންގާ ކެރިއަރ ކޯސްތައް ކަމުގައިވާ ކޯޕްރަލް ކޯހާއި، ސާޖަންޓް ކޯހުގެ އިތުރުން، ބާސްކެޓްބޯލް ޓޭބަލް އޮފިޝަލްސް ޓްރެއިނިންގ ކޯސް ވެސް ފުރިހަމަކުރައްވާފައެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ އިޚްލާޞްތެރި ޚިދުމަތާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން، 4 މެޑެއްޔާއި 9 ކުލަ ލިބިލައްވާފައިވެއެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަށް ލިބިލައްވާފައިވާ މެޑެލިތަކުގެ ތެރޭގައި ހިމެނެނީ، 17ވަނަ ސާކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެލި، އަދި އިންސާނީ ޚިދުމަތުގެ މެޑެލި - ކޮވިޑް 19 އެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ލިބިލައްވާފައިވަނީ އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި، ދެވަނަ ފަހަރަށާއި، ތިންވަނަ ފަހަރަށެވެ. އަދި ކާމިޔާބުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އަދި ހިތްވަރުގަދަކަމުގެ ކުލައެވެ. ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމައިގައި، 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.