އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.

ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ، 43، މޫނު ދެއްކުން މިރޭ 7:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށާއި، ކަށުނަމާދު އޮންނާނީ މިރޭ 10:00 ގައި ކަމަށް ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ.
މި މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރު، ވ. އަތޮޅަށް ސަފާރީއެއްގައި ޑައިވިނަށް ގޮސް އުޅުނު އިޓަލީވިލާތުގެ ފަސް ޑައިވަރުން ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މައުލޫމާތު ލިބުމާއެކު ސިފައިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.
ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި އިޓަލީގެ ޑައިވް އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކަނޑުގެ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން މަރުވެފައި އޮއްވަ އެވެ. ބާކީ ތިބި ހަތަރު ފަތުރުވެރިން އަދިވެސް ނުފެންނާތީ، ސިފައިން އަންނަނީ ފުރާނައަށް ނުރައްކާ ބޮޑު "ހައި-ރިސްކް" އޮޕަރޭޝަނެއް އެ ސަރަހައްދުގައި ހިންގަމުންނެވެ.