ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ނިޔާވުމާއި ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް ހިތްދަތިވެ، ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށެވެ.
ރައީސް ވަނީ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހްސާން ވިދާޅުވީ، މަހުދީއަކީ އެ ދާއިރާއިން ރާއްޖޭގައި އެންމެ ބޮޑަށް ތަމްރީނު ލިބިފައިވާ، އެންމެ މޮޅު އެއް ޑައިވަރެވެ. އެގޮތުން، މިވީ ދުވަސްތަކުގައި އެތައް ހާސް ފަހަރަކު ފީނާފައިވާއިރު، ނުރައްކާތެރި އަދި އުނދަގޫ ހާލަތެއްގައި އެ މަސައްކަތްކޮށްފައިވާ ކަމަށާއި މަހުދީ ވަނީ އޮޕަރޭޝަނެއްގައި 70 މީޓަރު ފުނަށް ވެސް ފީނާފައިވާކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި އޭނާއާ އެކު ސިފައިންގެ ޓްރެއިނިން ފުރިހަމަ ކުރި، މަހުދީއަކީ އޭނާ ދެނެވަޑައިގެންނެވި އެންމެ މޮޅު ގާބިލް އެއް ސިފައިން މީހެއްކަމަށެވެ. އަދި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުން ކުރިމަތިލަނީ ގިނަ ބަޔަކަށް ދުވަހަކު ވެސް ތަސައްވަރު ނުކުރެވޭނެ ފަދަ ނުރައްކާތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ސިފައިންނަކީ އެހެން މީހުން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި، އެއްވެސް ފަސްޖެހުމެއް ނެތި ގައުމީ ވާޖިބު އިސްކޮށް، އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން މަސައްކަތްކުރާ ބައެއް ކަމަށެވެ.
އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާރޗް އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެގެން އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.