ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީ އިން ބުނީ ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ ކަމަށެވެ.

އަދި މި އިންތިޚާބުގެ އިތުރު ބުރު ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ސުހާ އިބްރާހީމް، ދ. މީދޫ / ދިލްޝާދުގެ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ކެންޑިޑޭޓް، މުޙައްމަދު ޝާހިދު، ދ. މީދޫ / މުޝްތަރީވިލާ އެވެ.

އީސީއިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 14 ވާ އާދިއްތަ ދުވަހުގައެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުމާގުޅޭ ގޮތުން ޝަކުވާ ނުވަތަ މައްސަލަތަކާ ގުޅިގެން "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އިން complaints@elections.gov.mv އަށް ހުށަހެޅޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.