ދިވެހި ރާއްޖެއިން ހޮސްޓްކޮށްގެން ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ސަރަހައްދުގެ ގައުމުތައް އަދި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ކުރިއައް ގެންގޮސްފައިވަނީ މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، އައިއޯޓީސީގެ ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ. މި މަޝްވަރާތަކުގައި ކޮމިޝަންގެ 29 މެންބަރު ގައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ގައުމަކާއި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ 2 ގައުމަކުން ބައިވެރިވިއެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވިއެވެ.

މި ފަހަރުގެ ބައްދަލުވުމުގައި ޖުމްލަ ހަތް ގަރާރެއް ފާސްކޮށްފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން، މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ގަރާރެއް ހުށަހަޅައި، އެ ގަރާރުތައް ވަނީ ފާސްކޮށްފައެވެ. އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ގަރާރެއްގެ އިތުރުން، ބީ.ބީ.އެން.ޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ގަރާރަކަށް ބަދަލުކުރުމާ ގުޅޭ ގަރާރެކެވެ. އަދި މީގެ އިތުރުން ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ގައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ގަރާރެއް ފާސްކުރުމުގައިވެސް ދިވެހި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.