1447 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ހައްޖުވެރިންގެ ތެރެއިން ހުކުރު ދުވަހުގެ ރޭ މައްކާއަށް ދިޔަ 238 ހައްޖުވެރިންނަށް މައްކާއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ހައްޖުވެރިން ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުއާއި ދިވެހި ހައްޖު މިޝަންގެ އިސްވެރިންނެވެ.

އަދި މައްކާ ރޫޓުގެ ފަރާތުންވެސް ވަނީ ހައްޖުވެރިންނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އަދި ޙައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓަލުން، ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަން އަދި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވާ މުޠައްވިފް ރަވާފް މިނާ އަދި ހޮޓެލުގެ ފަރާތުން ވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެެވެ.

ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ.

ހައްޖުވެރިން މިހާރު ވަނީ ފުރަތަމަ ޢުމްރާ ކުރުމަށް ފަށާފައެވެ.

ދިވެހި ހައްޖުވެރިންގެ ފްލައިޓުތައް ދެން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.

ރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ވަނީ ލިބިފައެވެ. ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓުން މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވެއެވެ.