ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން، ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި އެވެ.
ހާރިޖީ ވުޒާރާއިން ބުނީ، މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެއް ކަމަށެވެ.
މި ގަރާރު ދިވެހިރާއްޖެ އިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް އެ ވުޒާރާ އިން ބުނެއެވެ.
ހާރިޖީ ވުޒާރާއިން ބުނީ، މި ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް، ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ދިވެހިރާއްޖެ އިން ދަނީ ބާރުއަޅަމުން ކަމަށް ވެސް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.