ފުރަތަމަ ފްލައިޓްގައި ހައްޖަށް ގޮސްފައިވާ ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުނެފިއެވެ.

ހައްޖު މިޝަން އިން ބުނީ އެއާޕޯޓުން ހާޖީންނަށް މަރުހަބާކީ ރާޖެއިން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ސަރީރުއާއި ރާއްޖޭގެ ހައްޖު މިޝަންގެ ރައީސް އިމްތިތާއު އައްބާސް ކަމަށެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެދަށުން، ހާޖީން ޖިއްދާ އެއާޕޯޓްގައި މަޑުކުރަން ނުޖެހި، ސިދާ ބަހަށް އަރައިގެން ގޮސްފައިވަނީ ހޮޓަލަށެވެ.

ހޮޓަލުގައި ކުލަގަދަކޮށް ހާޖީންނަށް މަރުހަބާކިޔުން ކުރިއަށްގެންދިޔައެވެ. އެގޮތުން ހޮޓަލަށް އައުމާއެކު، އެކަން ފާހަގަކުރުމަށް ކޮންމެ ހާޖީއަކަށް ހަދިޔާ ދީފައިވާ ކަމަށް ބުނެއެވެ. އަދި ތަފާތު ފޮނިކާތަކެއްޗާ ބުއިންތަކާއެކު، ހޮޓަލުގެ ލޮބީ އޭރިއާއިންވެސް ހޫނު މަރުހަބާއެއް ކިޔުން އޮތް އިރު ހާޖީންނަށް މަރުހަބާކިޔުމަށް ކޭކެއްވެސް ފަޅާފަވާ ކަމަށް މައުލުމާތުދެއެވެ.

އެއަށްފަހު ދިވެހި އެކިއެކި ކެއުންތަކާއެކު، ހާޖީންގެ ކެއިންބުއިމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހޮޓަލުގައި ކުރިއަށްގެންދިޔަ ކަމަށާއި، އުމްރާގެ އަޅުކަމަށް ހަރަމަށް ދިއުމުގެ ކުރިން، ކޮންމެ ހާޖީއަކަށްވެސް ހޮޓަލުން ސިމް ލިބޭނެގޮތް ހަދާދީފައިވާ ކަމަށް ބުނެއެވެ.

ހާޖީން ހޮޓަލަށް ގޮސް ކުޑަވަގުރުކޮޅެއްގެ ތެރޭގައި، ހާޖީންގެ ލަގެޖުވެސް ހޮޓަލަށް ގެނެސް ކޮޓަރިތަކަށް ގެންގޮސް އެކަން ވަރަށް އަވަހަށް ނިންމާފައިވާ ކަމަށް މައުލުމާތުދެއެވެ.

އަރާމުކޮށްލުމަށް ވަގުތުކޮޅެއް ދިނުމަށްފަހު، ހާޖީން އުމްރާގެ އަޅުކަމުގެ ކަންކަން މިހާރު ވަނީ ފަށާފައެވެ. މިވަގުތު ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގެ ހާޖީން ގެންދަނީ ހަރަމުންގައި، އުމްރާގެ އަޅުކަން އަދާކުރަމުންނެވެ. އުމްރާއަށް ދިއުމުގެ ކުރިންވެސް ހާޖީންނަށް އިރުޝާދާއި ދީނީ މައުލޫމާތު ހޮޓަލުގައި ހައްޖު ކޯޕަރޭޝަނުން ވަނީ ފޯރުކޮށްދީފައެވެ.

އަދި ހަރަމުގައި ކޮންމެ ގްރޫޕަކާއެކުވެސް އެހީތެރިން ހަރަކާތްތެރިވެއެވެ. އެތަށް ލައްކަ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފަވާއިރު، ބައިބޯވުމުގެ ސަބަބުން އުމްރާ ފުރިހަމަކުރުމަށްފަހު އެނބުރި ހޮޓަލަށް އާދެވޭނެކަމަށް ބެލެވެނީ މެންދުރުއެވެ. ރާއްޖެއިން ހައްޖަށް އަންނަ ދެވަނަ ގްރޫޕް އަންނާނީ އާދީއްތަ ދުވަހުއެވެ.