ކުރީގެ ތިން ރައީސުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް އަބްދުﷲ ޔާމީން ގެ ބައްދަލުވުން ސިފަ ކުރެވެނީ ބާރުތައް މުށުތެރެއަށް ލުމަށް އިންތިހާއަށް ދަހިވެތިވެފައި ތިބި ތިން ފަރާތެއް ގައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލެވޭތޯ ވަގުތީ ކައިވެންޏަކަށް ތައްޔާރުވާ މަންޒަރު ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ، ނޫސްވެރިންގެ ހައްގުގައި ކަމަށް ބުނެ ރޭ ތިން ރައީސުން ބޭއްވި ބައްދަލުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ހަލީލް ވަނީ ކުރީން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ތުހުމަތުތައް ކުރެއްވި ބޭފުޅުންކަން ހަނދާންކޮށް ދެއްވާފައެވެ.

އެގޮތުން ރައީސް ނަޝީދަކީ، ވެރިކަމުގެ ތަޚުތުގައި އިންނަވަން ގައުމުގެ އެތައް ފަޅުރަށެއް ނުހައްގުން ގާތް މީހުނަށް ބަހާލި ބޭފުޅެއް ކަމަށާއި، އެތައް ބަޔަކު މަގުތަކަށް ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި، 280 މިލިޔަން ރުފިޔާގެ ގެއްލުން ރައްޔިތުންނާއި ދައުލަތަށް ދިން ބޭފުޅެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

ލަހީލް ވިދާޅުވީ، ރައީސް ޔާމިނަކީ، ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގި ބޭފުޅާ ކަމަށާއި، ނުހައްގުން އެތައް ބަޔަކު ޖަލަށްލައި އަނިޔާވެރި ވެރިއެއް ކަމަށާއި، ނޫސްވެރިކަން ފޮއްޓަކަށްލާ ތަޅުލި ބޭފުޅާ ކަމަށެވެ.

އަދި ރައީސް ސޯލިހަކީ، ރާއްޖޭގެ ސަރަހައްދުން ބަޔަކާއި ފޯޅަވަހީގެ މައްޗަށް އޮތް ރާއްޖޭގެ ކްލެއިމް އަމިއްލަ ފައިދާއަށް ދޫކޮށްލި ބޭފުޅާ ކަމަށާއި، އިންތިހާއަށް ރާއްޖެ ދަރުވާލި ބޭފުޅާ ކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގައި ފަލަކޮށް ކޫރުން އަޅުވާލި ބޭފުޅެއް ކަމަށާއި، ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި ބޭފުޅެއް ކަމަން ވެސް ހަލީލް ހަނދާން ކޮށްދެއްވިއެވެ.

އެހެން ކަމުން ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން މި ތިން ބޭފުޅުން ދައްކަން އޮތީ ކޮން ވާހަކައެއްތޯ ހިތަށް އަރާ ކަމަށް ހަލީލް ވިދާޅުވިއެވެ.