ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސަސްޕެންޑްކޮށްފިއެވެ.
އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުމާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާޒާއިން ބުނީ، "އެމް.ވީ ޑިއުކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައިވާކަމަށެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުން ކަމަށް ވީއިރު އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.
އެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެ އުޅަނދުގެ ހުއްދަ ހިފަހައްޓާފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ފަތުރުވެރިންގެ އާއިލާތަކަށް ވުޒާރާއިން ހަމްދަރުދީ ފޮނުވާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަންނަކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަމަށާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
ޑައިވަރުން ގެއްލުނު ކަމަށްބެލެވޭ މި ކޭވް ހިމެނޭ ސަރަހައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަހައްދަށްވުރެ ފުން، އަދި ހާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫން ކަމަށް މައުލޫމާތު ލިބެއެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ.
ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހައި ރިސްކު އޮޕަރޭޝަނެއް ހިންގަމުންނެވެ.