ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެކުގައި އެއްމޭޒެއްގައި މިރޭ ބޭއްވި ތާރީހީ ބައްދަލުވުމަށްފަހު ތިން ބޭފުޅުން ސޮއި ކުރައްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ އެތައް ޙައްޤުތަކަކަށް ސަރުކާރުން ފާޅުކަންބޮޑު ގޮތެއްގައި އަރައިގަންނަމުންދާ ކަމަށާއި، އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަނިކޮށް ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން އެއްކޮށް ނަގާލާފައިވާކަމަށެވެ.
އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ބަޔާނުގައިވެ އެވެ.
ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތަކާއި ގޯސް އާދަތައް އިސްލާޙުކުރުމަށް މި ސަރުކާރުން ނުކުޅެދިފައިވާކަމަށްވެސް ރައީސުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހިން އެތައް ޤުރުބާނީއެއްވެގެން ގެނައި ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެކަމުގެ އިތުބާރު މިހާރު ގެއްލިފައިވާކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ވަނީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި، އެފަރާތްތަކާ ދެކޮޅަށް ހިންގާ ބޭއިންސާފު ޝަރީޢަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.