ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

އެކުގައި މަސައްކަތްކުރަން މަޝްވަރާކުރައްވަން އެއް މޭޒަކަށް މިރޭ ވަޑައިގެންފިއެވެ.

ސިޔާސީ ގޮތުން ވާދަވެރި މި ތިން ބޭފުޅުން މިގޮތަށް އެކުގައި އެއްމޭޒަކުން ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ.

ކުރީގެ ތިން ރައީސުންގެ އެ ތާރިޚީ ބައްދަލުވުން ފަަށާފައި ވަނީ މިރޭ 8:00 ހާއިރު މާފަންނު ލާލްޕޫލްގޭގައި ހުންނަ 'ފަންކްޝަން ފައިވް' ގައެވެ.

އެގޮތުން ތިން ރައީސުންގެ މަޝްވަރާތައް ކުރިއަށްދާނީ މީޑިއާގެ ކުރިމަތީގައެވެ.

އަދި އެއަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާނެއެވެ.

ތިން ރައީސުން އެކުގައި މަސައްކަތްކުރައްވާނެކަން ރައީސް ޔާމީނު އިއުލާނުކުރެއްވީ މިދިޔަ އަންގާރަ ދުވަހެވެ.

އޭގެ ފަހުން ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމުގެ ހައްގުގައި ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.