ހދ. ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ެެއެ އިމާރާތް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.
މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބޭފުޅުންނާއި، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިތުރުން ކުރިޔަށް އޮތް 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ.
މިގޮތުން އެ މަޝްރޫޢަށް ޖުމުލަ 5.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ ކައުންސިލުން ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެއް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
ނަމަވެސް، އަލަށް އިމާރާތްކޮށް ހުޅުވި ކައުންސިލް އިދާރާއަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ޖާގައިގެ ގޮތުން ތަނަވަސް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެ ރަނގަޅުވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއްކަމަށް އެ ރަށު ކައުންސިލުން ބުނެފައި ވެއެވެ.