ރާއްޖެއާއި ޖަޕާނާ ދެމެދު ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އެ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯ ފަންނާއި ސަގާފަތާއި ތަރިކަ އާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
އެގޮތުން ވުޒާރާގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ޚިޔާލު ވަނީ ބަދަލުކުރައްވާފައެވެ.
މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ޓަކައި ޖަޕާން ސަރުކާރާއި އެ އެމްބަސީއިން ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން ދެ ގައުމުގެ ސަގާފަތުގެ މައުލުމާތުތައް ހިއްސާ ކުރެވޭނޭ ގޮތްތަކާ މެދު ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހި ސަރުކާރުން ޖަޕާން ސަރުކާރާ އެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ގައެވެ. އޭގެ ފަހުން އެ ސަރުކާރުން ދަނީ ދިވެހިންނާއި އެކި ދާއިރާތަކުން ގާތް ގުޅުމެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި މަސްވެރިކަމާއި ތައުލީމް, އަދި ޓެކްނޮލޮޖީއާއި މީހުން ބިނާ ކުރުމުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.