2022 ވަނަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާތަކެއްދީ މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހައިކޯޓުގައި ޝާހިލްގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުންވެސް އޮތީ އެ މައްސަލައިގެ ބާވަތް ސިއްރުކޮށްފައެވެ.
އެގޮތުން އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅާފައި އޮތީ، މި މަހުގެ ހަ ވަނަ ދުވަހުއެވެ.
މީގެ އިތުރުން ހައިކޯޓަށް ހުށަހަޅާފައިވާ މި ދެ މައްސަލައަކީ، ދެ ދައުވާއެއް ސާބިތުވެ، ޝާހިލް ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި މައްސަލައެވެ.
އެ މައްސަލައިގެ އިތުރުންވެސް ޝާހިލްގެ މައްޗަށް އިތުރު ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ހިނގަމުންނެވެ.
އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ބުނީ ޝިޢާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ކަމަށާއި ޝިޢާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށެވެ.
ހ. ޝީރީންވިލާ ގޭގެ ތެރޭގައި، 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ.
މިގޮތުން ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނީ އެ މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.