ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް އަލިއަޅުވާލައި ބުނީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ބުނީ އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެޔޮ ކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް ﷲ ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ހުކުރު ޙުތުބާގައި ބުނީ މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެޔޮ ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީ ކަމަށެވެ. އެގޮތުން ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވެއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި ހެއު ޢަމަލުކުރުމަށް އަވަސް ވުމަށް ޙުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަޙުރޫމުކުރައްވާނޭ ސަބަބެއްކަން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.