ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ، ރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ވަޒީރު އިރުތިޝާމް ވިދާޅުވީ، މީ ޖަޒީރާ ޤައުމާއި ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގާތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ކުރިއަރުވައި، ފަތުރުވެރިކަމަށް އަންނަ މީހުންނާއި ފަތުރުވެރިކަމާ ގުޅުންހުރި އިންވެސްޓްމަންޓްތައް ކުރިއަރުވައި އައު ދިރުމެއް ލިބިގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންނާއި، ސޭޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ހިތްގައިމު ރަށްތަކާއި، ކަނޑުފަޅުތަކުގެ ރީތިކަން ތަޖުރިބާކޮށް، އުފާ ހޯދުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.