ދިވެހި ހައްޖުވެރިންނަށް ޓަކައި އެންމެހާ އިންތިޒާމްތައް ފުރިހަމަ އަށް ހަމަޖައްސާފައިވާ ކަމަށް މިއަހަރު ހައްޖު މޫސުމަށް މައްކާގައި ގާއިމު ކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ހަމަޖައްސާފައިވާ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އިމްތިތާއު އައްބާސް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ އިމްތިތާއު އައްބާސްގެ ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ދިވެހި ހައްޖުވެރިންނަށް އެންމެހާ އިންތިޒާމުތަކެއް ހޮޓަލުގައިވެސް، އަދި އެހެން ބަޝާރުތަކުގައިވެސް ވަނީ ފުރިހަމަ އަށް ހަމަޖައްސާފައި ކަމަށެވެ.
އިމްތިތާއު އައްބާސް ވިދާޅުވީ ހައްޖު މިޝަންގެ ފަރާތުން އެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ދިޔަ އިރުގައި ވަކި ވަކިން ހުރިހާ ކަމެއްވެސް ބަލަމުން ދިޔަކަމަށާއި، ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ދިޔަ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހައްޖުވެރިން މައްކާއަށް ދިޔުމަށް ފަހުގައިވެސް ހައްޖު މިޝަންގެ ފަރާތުން ހައްޖުވެރިންނަށް ހައްޖުގެ މަނާސިގުތައް އަދާކުރުމުގައި އެންމެ ފުރިހަމަ ހިތްހަމަޖެހުން ލިބުމަކީ އަމާޒުކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާއިރު، ފުރަތަމަ ފްލައިޓުގައި 235 މީހުން ސައުދިއާ އެއާލައިންގައި ފުރުމަށް ވަނީ ހަމަޖައްސާފައެވެ.