ދޮގު ޑޮކިއުމަންޓްރީތައް ހަދައިގެން ލިބެނީ ހުސް ފައިދާ ކަމަށާއި ކިތަންމެ ގިނައިން ދޮގު ޑޮކިއުމަންޓްރީތައް ހެދިޔަސް ފަރުވާލެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައިސް ވަނީ އެމަނިކުފާނުގެ އަބުރުކަތިލުމަށް މަސައްކަތްކުރާ ވާދަވެރިންނަށް ރައްދުދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ވާދަވެރިން ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެކަމަށް މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރުގައި ކެތްތެރިކަން އިސް ކުރުމަށް އިސްލާމް ދީނުގައި މަތިވެރި އިސްކަމެއް ދީފައިވާ ކަމަށާއި އެކަމުން ކެތްތެރިވާ މީހާއަށް އޮތީ ސަވާބު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދުރު ކުރަން ވެސް ބަޔަކު އުޅޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސާޖިދާ މިފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ދަރިކަލުން ކައިރިއަށް ކަމަށާއި، އެ ދަތުރުފުޅަކީ ދޮޅު މަހެއްވަރު ކުރިން ރޭވި ނިމިފައިވާ ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް އިދިކޮޅުފަރާތްތަކުން އެ ދަތުރުވެސް އެހެން ނެރެޓިވް އަކަށް ހަދާފައިވާކަމަށާއި، ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް މިއަދު ގައުމަށް ބޭނުންވާކަމަށާއި "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވީ އިރު "އަދަދު" ނޫހުން ރައީސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާއެކު، ގަޒުފުކޮށް ތައްޔާރުކުރި ވީޑިޔޯއެއްގެ މައްސަލަ ބޮޑުވެފައިވާއިރު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެ ޑޮކިއުމެންޓްރީގައި އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކަކީ ދޮގެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް 12 މޭގައި ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.