ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ.
ހަމައެކަނި މިކަމުންވެސް މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހާމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ ރައީސް ވަނީ އަރިސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.