ސިޔާސީ އެއްވެ އުޅުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނަ ގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މިރޭ ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ، މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ފުލުހުންގެ ހިދުމަތަށް ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.

އެހެން ކަމުން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށްގެންދަންވާނީ، ރައްޔިތުންގެ ސަލާމަތާއި، އަދި އެހެނިހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުންގެ ހިދުމަތުން ފޯރުކޮށްދޭނެ ކަމަށާއި، އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.