ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ކުރީގެ 3 ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރުމަށް ތިން ބޭފުޅުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
މީޑިއާއަކުން ހާމަކޮށްފައިވާ ގޮތުގައި ކުރީގެ 3 ރައީސުން ވަނީ ބަައްދަލުކުރުމަށް ހަމަޖައްސާފައެވެ.
އެގޮތުން އެ ބައްދަލުވުން އިންތިޒާމް ކުރުމުގައި އުޅޭ އިސް މީހަކު އެ މީޑިއާއަށް މައުލޫމާތު ދެމުން އެ ބައްދަލުވުމުގެ ބޭނުމަކީ، ތިން ބޭފުޅުން އެކީގައި މަސައްކަަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ބުނެފައިވާ ކަމަށްވެސް ބުނެއެވެ.
ކުރީގެ 3 ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުގެ ފަހަތުގައި އޮތް އަސްލު ނިޔަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިދިކޮޅުން ވާދަކުރައްވާނެ ކެންޑިޑޭޓުގެ ޓިކެޓު ހޯއްދެވުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ މިއަދު ނޫސްވެރިންނާ އެކު އޭނާ ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައެވެ.
މިވަގުތު ޔާމީން މާލޭގައި ހުންނެވި ނަމަވެސް، ނަޝީދާއި ސޯލިހާ އުޅުއްވަނީ ރަށުން ބޭރުއި ކަމަށް ވުމުން މި ބައްދަލުވުން އޮތީ ކޮން އިރަކު އަދި ކޮންތާކު ކަމެއް ކަށަވަރެއް ނޫނެވެ.
ނަޝީދު ވަނީ އޭނާގެ ޗެއާޕާސަންގެ ކެމްޕެއިންނަށް މިއަދު ލ. އަތޮޅަށް ވަޑައިގެންފަ އެވެ. އަދި ސޯލިހް މިވަގުތު ހުންނެވީ އިންޑިއާގައި އެވެ. އެހެންކަމުން މި ބައްދަލުވުން ބާއްވާނީ، ނަޝީދު އާއި ސޯލިހް މާލެ ވަޑައިގަތުމުން ކަމަށް ބެލެވެއެވެ.
ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް 12 މޭގައި ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.